ވަޒީފާއާ ބެހޭ ގާނޫނަށް (ގާނޫނު ނަންބަރު 2/2008) 9 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާިއ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މި ބިލަކީ މިދިޔަ މާޗް މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި އިސްލާހުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމިގެން ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް ދެ އަހަރު ފުރެންދެން ކުޑަކުދިން ބެލުމަށް ވަޒީފާގެ ގަޑިތަކުގެ ތެރެއިން ހާއްސަ ވަގުތުތަކެއް (ޗައިލްޑްކެއާ ޓައިމް-އޮފް) މުވައްޒަފުންނަށް ދިނުމަށް ލާޒިމުކުރުމެވެ.
މި ބަދަލަށް މަރުހަބާ ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ފަންނީ މަސައްކަތާއި އާއިލީ ޒިންމާތައް ބެލެންސްކުރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން މައިންގެ ސިއްހަތު ރަނގަޅުވުމަށާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ނިއުޓްރިޝަން ލަނޑުދަނޑިތަކާ އެއްގޮތަށް ގާތުން ކިރުދިނުމަށް މަގުފަހިވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތްތައް ހަރުދަނާކުރުމާއި، ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީއާ ގުޅޭ ކަންކަން މުރާޖައާކޮށްފައިވެއެވެ. މީގެ ތެރޭގައި ވަކި ހާލަތްތަކެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޯޓާ ފީއިން އިސްތިސްނާކުރުމުގެ ބާރު ކެބިނެޓަށް ދިނުން ހިމެނެއެވެ.
މި ގާނޫނަށް ގެނެވުނު އަނެއް ބަދަލަކީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މެއި 1) އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި އިސްލާހުތަކަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގެނެވުނު ބަދަލުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، މި އިސްލާހުތަކަށް އަމަލުކުރަން ވަނީ ފަށާފައެވެ.



