ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ތިނަދޫ ސިޓީގައި މިއަދު ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންފިއެވެ. މި ހަރަކާތުގެ ތެރެއިން ނައިބު ރައީސް ވަނީ ތިނަދޫ ސިޓީގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.


މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި ތިނަދޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި، ކައުންސިލް މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން އަންނަނީ މުޅި ރާއްޖޭގައި ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މާލޭގެ އިތުރުން އެކި ސިޓީތަކާއި ރަށްރަށުގައި ޕާޓީގެ ޖަގަހަތައް ހުޅުވައި، އިންތިޚާބަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ފޯރިއާއެކު ދަނީ ކުރިއަށެވެ.



