ބަރަކާތްތެރި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ “ޢީދު ހަވީރު 1447” ގެ ހަރަކާތްތައް ގްރޭޓަރ މާލެ ސަރަޙައްދުގެ ހަތަރު ސަރަޙައްދެއްގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ޢީދު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ޢީދު ހަވީރުގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ކުރިއަށްދާނެ ހަތަރު ސަރަޙައްދަކީ މާލޭ ޖުމްހޫރީ މައިދާން، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކް އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަޙައްދެވެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޢީދު ހަވީރުގައިވެސް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ރެޕަލިން ޓަވަރ، ފޯމް ޕޫލް، އަދި ސްނައިޕަރ ކިޓްގެ ހަރަކާތްތައް ހިމެނެއެވެ. މީގެ އިތުރުން ސިފައިން ބޭނުންކުރާ ތަފާތު އާރމީ ވެހިކަލްތަކާއި ކޯސްޓްގާޑް ޝިޕްތަކުގެ އިތުރުން އަސްކަރީ ގިނަ އުޅަނދުތަކެއް އާންމުންނަށް ދައްކާލުމާއި، އެ ތަކެއްޗަށް އަރާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ހަރަކާތްތަކުގެ ތެރެއިން މިލިޓަރީ ބޭންޑްގެ ތަފާތު ހުށަހެޅުންތައްވެސް ފެނިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިއީ ޢީދުގެ އުފާވެރިކަމުގެ ތެރެއިން ސިފައިންނާއި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ސިފައިންގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.



