ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި، މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު އެމަނިކުފާނު އެންޑޯޒް ކުރައްވައިފިއެވެ. މިއަދު ހެނދުނު މޫސާ އަލީ ޖަލީލާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެއަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ގެނެސްދެވޭނެ ފަދަ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ.
މާލެއަށް އެކަށީގެންވާ އަޅާލުމެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އާދަމް މަނިކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގެންގުޅުއްވި ވަރުގަދަ އެޖެންޑާ މޫސާ އަލީ ޖަލީލު ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި މޫސާ އަލީ ޖަލީލަށް ދޭ ވޯޓަކީ ސީދާ މާލޭގެ ތަރައްގީއަށް ދެވޭ ވޯޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ އެންމެ ފުރަތަމަ މޭޔަރުގެ އިތުރުން ކުރީގެ މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރު މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަކުރައްވާފައެވެ. މާލޭގެ ހިންގުމުގެ ދާއިރާގައި އާދަމް މަނިކަކީ ތަޖުރިބާކާރު ބޭފުޅެކެވެ.
ސިޔާސީ ގޮތުން މީގެކުރިން އެމްޑީޕީގެ ހަރަކާތްތަކުން ފެނިގެންދިޔަ އާދަމް މަނިކު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް އިސްކޮށް މަސައްކަތް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަކީ މާލޭގެ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ފުރިހަމަ ގާބިލުކަމާއި އިހުލާސްތެރިކަން ހުރި ސަރުކާރެކެވެ.



