ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް މިއަދު ވަޑައިގެންފި އެވެ.
އެކަމަނާ ތިނަދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ފަސްޓްލޭޑީގެ އެ ދަތުރުފުޅުގައި ޕީއެންސީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ރަށުގެ ތަރައްގީއާ ގުޅޭ އެކި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވެ އެވެ. ތިނަދޫގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ވެސް އެކަމަނާ ވަޑައިގަންނަވާނެއެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ސާޖިދާ މީގެކުރިން ވަނީ މާލޭގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.



