ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ހާއިރުއެވެ. އަވަހާރަވިއިރު އުމުރަކީ 75 އަހަރެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން އޭނާގެ ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް ކުރިން ހުންނެވި އަހުމަދު ޝުހާދު ވަނީ ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކުރައްވައި، ބައްޕައަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އާއިލާއިން މިހާރު އަންނަނީ ޝަކޫރުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަކީ ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ މާޗު 5، 2009 ގައެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަނީ އަބްދުއްޝަކޫރު އަބްދުﷲ އަކީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިހުލާސްތެރި ހިދުމަތްތެރިއެއެއްކަން ފާހަގަކުރައްވާފައެވެ.



