ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ އެކި ދާއިރާތަކުގައި ކުރިއަށްގެންދަވާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު ގަލޮޅު އުތުރު ދާއިރާއަށް ވަޑައިގެންފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ ދާއިރާގެ ގިނަ ގެތަކަކަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި އުދާސްތައް އަޑުއެއްސެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ފެއްޓެވި މަސައްކަތެކެވެ. ރަމަޟާން މަހުގެ ތެރޭގައި ފެއްޓެވި މި ހަރަކާތުގެ ފުރަތަމަ ބުރުގައި މާލޭގެ 17 ދާއިރާއަކަށް ރައީސް ޒިޔާރަތްކުރެއްވިއިރު، އީދުގެ ކުރިން މިވަނީ ދެވަނަ ބުރުގެ ދަތުރުތައް ފަށްޓަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގެތަކަށް ކުރައްވާ ޒިޔާރަތްތަކުގައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވައި، މަގުމަތިން ބައްދަލުވާ އާންމު ރައްޔިތުންނާވެސް ގާތުން ވާހަކަދައްކަވައެވެ. މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުވެސް ތާވަލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވި ފަދައިން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ އަޑު އެއްސެވުމަށް އެމަނިކުފާނު އިސްކަންދެއްވައެވެ.
މި ހަރަކާތާ ގުޅޭގޮތުން މީޑިއާއާ ވާހަކަދެއްކި ގިނަ ރައްޔިތުން ފާހަގަކުރި ގޮތުގައި، ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ މިހާ ގާތުން މަސައްކަތްކުރައްވާ އަދި ރައްޔިތުންގެ ހާލު ބެއްލެވުމަށް މިހާ ގިނައިން ބައްދަލުކުރައްވާ ފުރަތަމަ ވެރިޔާއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ބޮޑުވެ، ސަރުކާރާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެންދާކަން އާންމުން ފާހަގަކުރެއެވެ.



