މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓު ހެދުމުގައި ނޫސްވެރިންގެ ސްލޫކީ މިންގަނޑުތަކާ އެއްގޮތަށް ޒިންމާދާރުކާމައެކުގައި ހަބަރުތަައް ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްބީސީން ނެރުނު ބަޔާނުގައި ވަނީ ހަނގުރާމަ ހިނގަމުންދާ މި ދުވަސްވަރު ހާއްސަކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ “ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑު”އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ވަކިން ހާއްސަކޮށް، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މި ހައްސާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާ “ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން” އަދި 6 ވަނަ މާއްދާގެ (ކ) ގައި “ފެކްޗުއަލް ޕުރޮގުރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުން” ގައި ހުރި ކަންކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އެ ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) ގައި “އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން” މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.
ނިންމާލަމުން، މީޑިއާތަކުންނާއި ނޫސްވެރިން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް އެމްއެމްބީސީން ވަނީ ހަނދާންކޮށްދީފައެވެ. މިއީ މުޅި މުޖުތަމައުގެ މަސްލަހަތާއި ސަލާމަތަށްޓަކައި އެންމެހާ މީޑިއާތަކުން ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.



