ހުސްވެފައިވާ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ.
މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ފުރުސަތު އަލުން ހުޅުވާލީއެވެ. މިހާރު ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.
ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު ފުލުހުންގެ ހިދުމަތުން ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ.



