ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އަންނަ އެޕްރީލް މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލާ ގުޅޭގޮތުން ޕޮލިސީ އެމްވީން ކުރިއަށް ގެންދިޔަ “ސިޔާސާތު ޚާއްސަ” ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. މި ފޯރަމުގައި ތަފާތު ޚިޔާލުތަކުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެން ހިޔާޅުފާޅުކުރައްވާފައެވެ.
އެގޮތުން، ފޯރަމުގައި ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ވާހަކަދައްކަވަމުން އަލްއުތާޛާ ދިޔާނާ ސަޢީދު ވިދާޅުވީ މީގެ ކުރިން އެކި ޚިޔާލުތަކުގެ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް އިންތިޚާބުތައް އެއްް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފައިވާކަމަށެވެ. އެފަރާތްތަކުން މި ކަމަށް ތާޢިދުކުރައްވާފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތައް ލިބެންއޮތުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
“މިހާރު ފަސް ފަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެ. ދެން ހަމަ ޤާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8ވަނަ އިސްލާހު. އަދި މި ޤާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭ. އެހެންވީމަ ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ބެލެވެނީ. ސުޕަމެޖޯރިޓީ މަޖިލީހެއް ނޫން އަޅުގަނޑުމެންނަށް ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް،” ދިޔާނާ ވިދާޅުވިއެވެ.
ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ ރިޔާސީ އިންތީޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.



