ފުލުހުންގެ ގާނޫނާއި ގަވައިދާ ހިލާފުވި އެކި ރޭންކްތަކުގެ އޮފިސަރުންތަކެއް މިއަހަރުވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުސޫލާ ހިލާފުވާ ފުލުހުންނަށް ފިޔަވަޅު އަޅަމުންދޭތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ހަމަސް ނިމޭއިރު އުސޫލާ ހިލާފުވި އެތައް ފުލުހުންނެއް ވަޒީފާއިން ވަކި ކުރުމުގެ ލިޔުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އަދި މިފަދަ ކޮންމެ ކޭސްއެއްގައި ފިޔަވަޅު އަޅަނީ އެ ފުލުހަކު ކުރި ކަމަކަށް ބަލާފައި ކަމަށާއި އެކި ކަންކަމުގެ އަޅަމުންދަނީ އެކި ފިޔަވަޅުތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ފިޔަވަޅު އަޅާފައިވަނީ ޖުމުލަ ކިތައް ފުލުހުންނަށް ކަމެއް މިނިސްޓަރ ވިދާޅެއްނުވެއެވެ. ވިދާޅުވީ މިވަގުތު އެ ތަފާސް ހިސާބުތައް މަޖިލީހަށް ނުގެންނަވާ ކަމަށެވެ.