ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެނުންނަށް ދިހަ އިންސައްތަ އަދި ޒުވާނުންނަށް ދިހަ އިންސައްތަ ޚާއްސަކުރުމަށް ވިސްނަވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ހާމަކުރައްވައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމާއި، އަންހެނުންނާއި ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއިރު، އެކަމުގެ ތަފްސީލީ އިންސައްތަ ހާމަކުރެއްވީ ރޭ ރައީސް ވަނީ ހާމަކުރައްވާފައެވެ.
“އަޅުގަނޑުގެ ވިސްނުމުގަ އޮތީ 10 ޕަސެންޓް، ޒުވާނުންނަށް 10 ޕަސެންޓް، އަންހެން ބޭފުޅުންނަށްވެސް” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ބަދަލެއް ގެންނަވާނީ ރައްޔިތުންނާއި، ޒުވާނުން އަދި ގާނޫނީ ދާއިރާގެ ބޭފުޅުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ. ރާއްޖޭގެ އާބާދީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ވޯޓުލެވޭ އާބާދީގެ 49 އިންސައްތައަކީ އަންހެނުންނެވެ. އަދި 39 އިންސައްތައަކީ ޒުވާނުންނެވެ. އެހެންކަމުން މަޖިލީހުގައި މި ދެ ގިންތި ތަމްސީލުވުމަކީ އިންސާފުވެރި ގޮތެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރައްވައެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 93 މެންބަރުންނެވެ. ރައީސްގެ މި ވިސްނުންފުޅާ އެއްގޮތަށް ގާނޫނަށް ބަދަލު ގެނެސްފިނަމަ، މަޖިލީހުގައި ޒުވާން 9 މެންބަރުންނާއި އަންހެން 9 މެންބަރުންނަށް ގޮނޑި ޚާއްސަވެގެންދާނެއެވެ. މީގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު އޮތް 93 ގައި ހިފެހެއްޓުމަށް ގާނޫނު އިސްލާހުކުރުމުގެ މުހިންމުކަންވެސް ރައީސް ތަކުރާރުކުރެއްވިއެވެ.



