ބ. ދަަރަވަންދޫ އެއަަރޕޯޓް ޓަރމިނަލް ތަަރައްޤީ ކުރުމުގެ މަޝްރޫޢު ފަށައިފި އެވެ.
މި މަޝްރޫޢު ފެށުން އޮތީ މިއަދު ދަރަވަންދޫ އެއަރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަޝްރޫޢު ފައްޓަވައި ދެއްވީ ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ދަރަވަންދޫ އެއަރޕޯޓް ހިންގުން އައިލެންޑް އެވިއޭޝަން ސާރވިސަރސްއާ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އެ ކުންފުނިން ވަނީ ދަރަވަންދޫ އެއަރޕޯޓް ތަރައްޤީ ކުރަން ނިންމާފައިވާ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.
ކަނޑުއަޑީގެ ހިތްގައިމު މަންޒަރެއް ސިފަވާ ގޮތަށް މި އެއަރޕޯޓް ޓާމިނަލް ތަރައްޤީ ކުރަން ނިންމާފައިވާއިރު މަޝްރޫޢު ނިމޭއިރު ޓާމިނަލް އިމާރާތް ދެ ގުނަ ބޮޑު ކުރާނެ އެވެ. އަދި އެރައިވަލް ހޯލާއި ޗެކިން އޭރިޔާ ވެސް ދެ ގުނަ ބޮޑު ކުރާނެ އެވެ.
ޓާމިނަލްގެ އެތެރޭގެ ޑިޒައިންތައް ހުންނާނީ ވަރަށް ހިތްގައިމު ކޮށެވެ. އަދި ފަސިންޖަރުންގެ ފަސޭހައަށް ގިނަ ޚިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި ތިން ގޭޓާ އެކު އެއް ފަހަރާ ތިން މަތީންދާބޯޓަށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މިހާރު ވެސް އެ އެއަރޕޯޓްގައި 99 މުވައްޒިފުން މަސައްކަތް ކުރެ އެވެ. އަލަށް ގެނެވޭ ބަދަލާއެކު އިތުރު ވަޒީފާތައް ވެސް އުފެދޭނެ އެވެ.
ދަރަވަންދޫ އެއަރޕޯޓަކީ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު އަދި ފައިދާގައި ހިންގޭ އެއަރޕޯޓެވެ. އެ އެއަރޕޯޓަށް ދުވާލަކު އަށް ފްލައިޓް ޖައްސަ އެވެ. މޯލްޑިވިއަން އިން އެކަނިވެސް ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރެ އެވެ.
އެ އެއަރޕޯޓް ހުޅުވި ފަހުން މިހާތަނަށް 42,000 ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކޮށްފައިވެ އެވެ. އަދި 1.8 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވެ އެވެ. 16 ރިސޯޓާއި 79 ގެސްޓްހައުސް ހިންގާ ބ އަތޮޅުގައި ފެންވަރު ރަނގަޅު އެއަރޕޯޓެއް އޮތުމަކީ އެ އަތޮޅުގެ ކުރިމަގާއި ގުޅިފައިވާ މުހިންމު ކަމެކެވެ.
ތޭރަ ރަށުގެ މައްޗަށް ހިމެނޭ 10,000 ވުރެ ބޮޑު އާބާދީއެއް އޮތް ބ އަތޮޅުގައިވާ ދަރަވަންދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.



