އާއްމުކޮށް ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް، އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން މިއަހަރު ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި ނިންމުމަކީ ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން ނިންމެވި ނިންމުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިތުރަށް ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ހިމެނެއެވެ. އިންޑިއާ ހައިކޮމިޝަނުން ވިދާޅުވި ގޮތުގައި ރާއްޖެއިން އެދިފައިވާ މިންވަރަށް މި ހުރިހާ ބާވަތެއްވެސް ފޯރުކޮށްދިނުމަށް އެ ގައުމުން މިހާރު ވަނީ ހަމަޖައްސާފައެވެ.
އިންޑިއާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއްގެ ދަށުން އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް 1981 ވަނަ އަހަރުން ފެށިގެން އެއްބަސްވުމެއް ޤާއިމުކޮށްފައިވާއިރު، މިއީ މިހާތަނަށް އެ އެއްބަސްވުމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރާ ފަހަރުކަން އެ ގައުމުން ފާހަގަކުރެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެގައުމުން ދެކެއެވެ.
އިންޑިއާގެ ހައިކޮމިޝަނުން އިތުރަށް ވިދާޅުވީ، އެ ގައުމުން އެހެން ގައުމުތަކަށް އަސާސީ މުދާ އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. .



