ހދ. ކުޅުދުއްފުށީ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، އެ ސިޓީގައި ތަރައްގީކުރާ 2,000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.
ކުޅުދުއްފުށީގައި ބޭއްވި ރޭ ރަސްމިއްޔާތުގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އާއި، ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމްގެ އިތުރުން އެޗްޑީސީގެ މެނޭގިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ދެ ދާއިރާގެ މެންބަރުންނާއި މަޝްރޫއުގެ ކޮންޓްރެކްޓަރު ޓީމްވަން އިންޑިއާގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކެއްގައި 1,856 ފްލެޓް ތަރައްގީކުރާނެއެވެ. މި މަޝްރޫއުގެ ތެރެއިން ތަރައްގީކުރާ ހުރިހާ އެޕާޓްމަންޓްތަކަކީވެސް ތިން ކޮޓަރީގެ ޔުނިޓުތަކެވެ. މީގެ އިތުރުން، އެ ރަށުން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ. ކުޅުދުއްފުށީގައި 2,000 ހައުސިން ޔުނިޓު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހައުސިން މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ.
އެޗްޑީސީން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.



