އިންތިޚާބުގައި ވާދަކޮށް ގޮނޑި ކާމިޔާބު ނުކުރެވުނު ނަމަވެސް، މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމަށް ވާދަކުރެއްވި އަޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރެއްވި އަލައިކާ މިހެން ވިދާޅުވީ އިންތިޚާބަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އަލައިކާ ވިދާޅުވީ ގޮނޑި ކާމިޔާބު ނުވި ނަމަވެސް، މި ދަތުރު ނިންމާލަނީ ގިނަ ބައެއްގެ އިތުބާރާއި ލޯބި އަދި ޔަގީންކަމާ އެކުގައި ކަމަށެވެ. އަދި މިއީ އަމިއްލަ ނަފްސަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމާއި މިކަން ބަލައިގަންނަނީ ނުހަނު އިޚްލާޞްތެރިކަމާއެކު، އޭނާ ވިދާޅުވިއެވެ.
މި ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި ދަތުރެއް ނޫންކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، މިއީ އާއިލާތަކުގެ ހައްގުގައާއި، ހަމަހަމަ ފުރުސަތުތަކާއި، އިގްތިސާދީ ބާރުވެރިކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށެވެ. މިއީ ވަކި ބަޔަކަށް ދޭ އިމްތިޔާޒެއް ނޫން ކަމަށާއި، މިއީ އެންމެންގެ ހައްގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދަތުރުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އަލައިކާ ވިދާޅުވީ، މާޔޫސްވާންޖެހޭ ވަގުތުތަކާއި ބައެއް ފަރާތްތަކުގެ ކެހިވެރިކަންވެސް ތަހައްމަލު ކުރަންޖެހުނު ކަމަށެވެ. އަދި އޭނާގެ މަގްސަދާއި އަމަލުތައް އޮޅޭ ފަދަ ގޮތްގޮތަށް ލޭބަލް ކުރެވުނު ނަމަވެސް، އަބަދުވެސް ހުރީ އަމިއްލަ އުސޫލުތަކާއި ގަބޫލުކުރާ ހަމަތަކުގައި ސާބިތުވެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދަކީ ދަތުރުގެ ނިމުން ނޫން ކަމަށާއި، މިއީ އާ ފެށުމެއް ކަމަށް އަލައިކާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.



