އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، މިހާތަނަށްވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އެލް.ޕީ.ޖީ ނުވަތަ ކައްކާ ގޭހުގެ ޚިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެކުންފުންޏާއި އެސް.ޓީ.އޯ އާއެކު ފަންނީ މަޝްވަރާކުރައްވައި، މި ކަމަށް ޙައްލެއް ހޯދުމާމެދު ނިންމަވާ ގޮތެއް، ވަރަށް އަވަހަށް އިޢުލާންކުރައްވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ޙާލަތު ގާތުން ވިލަރެސްކުރައްވައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުންގެންދަވާކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ޙާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާކުރައްވަމުންގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



