އަމީނީ މަގުގެ ހުޅަނގަށް އޮތް ބައިގައި އަލުން ތާރުއަޅައި، އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ނަޒީމް ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، އެހެންކަމުން އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ އެކު މިހާރު ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އެ ސަރަހައްދުގައި އޮތް ތާރުގަނޑު ނެގުމަށްފަހު، ފެންވަރު ރަނގަޅުކޮށް އަލުން ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. ނަޒީމް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ކުރިއަށްދާއިރު ޓެކްނިކަލް ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ސަމާލުކަން ދޭނެއެވެ.
“އަލުން ތާރު އަޅާއިރު ރަނގަޅު ފެންވަރަކަށް ތާރު އަޅާނެ،” އޭނާ ވިދާޅުވިއެވެ.
މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް ވެސް އާރްޑީސީން ވަނީ ނިންމާފައެވެ. މިއީ މަގު ހެދުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގައެވެ. ޖުމްލަ 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގުގެ ބައެއް ސަރަހައްދުތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.



