މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ޖުމްލަ 512.4 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 441.8 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި އެކަނިވެސް 410.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 23.5 އިންސައްތަ އިތުރު އަދަދެކެވެ.
ބޭރު ފައިސާއިން ލިބުނު ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 269.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 47.7 މިލިއަން ޑޮލަރު އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 56.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ލިބިފައެވެ.
ޓެކްސް ނޫން ގޮތްގޮތުން ބޭރު ފައިސާއިން 102.1 މިލިއަން ޑޮލަރު ލިބިފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު 37.1 މިލިއަން ޑޮލަރާއި، ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނު 35.7 މިލިއަން ޑޮލަރެވެ. އަދި ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް މި އަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 11.27 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ޖުމްލަ ގޮތެއްގައި 18 އިންސައްތައިގެ އިތުރުވުމެކެވެ.



