މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ސިޓީތައް ފިޔަވައި ރަށްރަށުގެ ކައުންސިލް ރައީސްކަމުގެ ގޮނޑިތަކުގެ ތެރެއިން އެންމެ ގިނަ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީއެންސީން 74 ގޮނޑި ހޯދާފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބުނީ 71 ގޮނޑިއެވެ. މިއާއެކު ދެ ޕާޓީގެ ދެމެދުގައި އޮތީ އެންމެ ތިން ގޮނޑީގެ ތަފާތެކެވެ.
އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. މީގެ އިތުރުން އެމްޑީއޭއަށް ހަތަރު ގޮނޑި ލިބުނުއިރު، ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސް އަށް ލިބުނީ ކޮންމެ ޕާޓީއަކަށް އެއް ގޮނޑިއެވެ. އެމްޑީއޭއިން ގޮނޑިތައް ކާމިޔާބުކުރީ ނ. ކުޑަފަރީ، ދ. ހުޅުދެލި، ދ. ބަނޑިދޫ އަދި ދ. މީދޫންނެވެ. ޖުމްހޫރީ ޕާޓީން އދ. މާމިގިލީގެ ގޮނޑި ކާމިޔާބުކުރިއިރު، ޑިމޮކްރެޓްސް އަށް ގޮނޑި ލިބުނީ ވ. ތިނަދޫންނެވެ.
ޕީއެންސީން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ކ. އަތޮޅާއި އއ. އަތޮޅުންނެވެ. އެ ދެ އަތޮޅުން ކުރެ ކޮންމެ އަތޮޅަކުން އެ ޕާޓީން ހަތް ގޮނޑި ނެގިއެވެ. އެމްޑީޕީއަށް ކ. އަތޮޅުން އެއްވެސް ގޮނޑިއެއް ލިބިފައި ނުވާއިރު، އއ. އަތޮޅުން އެ ޕާޓީއަށް ލިބުނީ އިންތިހާބަކާ ނުލައި ކަށަވަރުވި އއ. ބޮޑުފޮޅުދޫގެ ގޮނޑި އެކަންޏެވެ. އެމްޑީޕީން އެންމެ ގިނަ ގޮނޑި ހޯދީ ށ. އަތޮޅާއި ރ. އަތޮޅުންނެވެ. އެއީ ކޮންމެ އަތޮޅަކުން އަށް ގޮނޑިއެވެ.
ވޯޓުގެ އިންސައްތައަށް ބަލާއިރު، ސިޓީތައް ނުހިމަނައި ޕީއެންސީން ވަނީ 63,297 ވޯޓު ހޯދާފައެވެ. އެއީ ޖުމްލަ ވޯޓުގެ 44.24 އިންސައްތައެވެ. އެމްޑީޕީއަށް ލިބުނީ 51,340 ވޯޓެވެ. އެއީ 35.80 އިންސައްތައެވެ. އަމިއްލަ ކެންޑިޑޭޓުން 18 އިންސައްތަ ވޯޓު ހޯދާފައިވެއެވެ. ޖުމްލަ 10 އަތޮޅެއްގެ ކައުންސިލް ރައީސް މެޖޯރިޓީ ޕީއެންސީން ހޯދިއިރު، އެމްޑީޕީއަށް މެޖޯރިޓީ ލިބުނީ ހަ އަތޮޅަކުންނެވެ.
ރަށްރަށުގެ ނަތީޖާ ޕީއެންސީއަށް ބުރަވި ނަމަވެސް، ސިޓީތަކުގެ ނަތީޖާ އިން ކުރި ހޯދާފައިވަނީ އެމްޑީޕީއެވެ. ފަސް ސިޓީގެ މޭޔަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީން 33,311 ވޯޓު ހޯދިއިރު، ޕީއެންސީއަށް ލިބުނީ 20,107 ވޯޓެވެ. މިއާއެކު އެމްޑީޕީން ވަނީ ފަސް ސިޓީގެ މޭޔަރު ގޮނޑި އާއި ކައުންސިލްގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.



