ޕާސްޕޯޓާ ގުޅޭ މުހިންމު ތިން ހިދުމަތެއް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް “އިމުގާ” މެދުވެރިކޮށް ލިބޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ. މިއީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އިމުގާ މެދުވެރިކޮށް އަލަށް ތައާރަފުކުރި ހިދުމަތްތަކަކީ ޕާސްޕޯޓު ކަލެކްޝަން ޕޮއިންޓް ބަދަލުކުރުމާއި، ޕާސްޕޯޓު ކޮޕީއަށް އެދި ހުށަހެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލު ހޯދުމެވެ. މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް ސިޓީ ފޮނުވުމާއި އީމެއިލް ކުރަން ޖެހެއެވެ.
ޕާސްޕޯޓާ ހަވާލުވާން އިހުތިޔާރުކޮށްފައިވާ ރަށް ނުވަތަ އޮފީސް ބަދަލުކުރަން ބޭނުންވާ ނަމަ، މިހާރު އިމުގާ ޕޯޓަލްއަށް ލޮގިންވެ “ދިވެހި ޕާސްޕޯޓު” ޓެބުގެ ދަށުން “އެޑިޝަނަލް ރިކުއެސްޓު” މެދުވެރިކޮށް ކަލެކްޝަން ޕޮއިންޓް ބަދަލުކުރެވޭނެ އެވެ. އަދި ދޫނުކޮށް އޮތް ޕާސްޕޯޓެއްގެ ކޮޕީއަކަށް އެދެން ބޭނުންވާ ނަމަވެސް މިހާރު އެ ޕޯޓަލް މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، ކުރިން ބޭނުންކޮށްފައިވާ ޕާސްޕޯޓުތަކުގެ ތަފްސީލު ހިމެނޭ ލިޔުމެއް ބޭނުންވާ ފަރާތްތަކަށް ޕޯޓަލްގައިވާ “ރިކުއެސްޓް އެންޑް ސާވިސެސް” ބައިން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ޕާސްޕޯޓުގެ ހިދުމަތްތައް ހަރުދަނާކޮށް ފަސޭހަކުރުމުގެ ގޮތުން އިމިގްރޭޝަނުން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި ހިދުމަތްތައް ފުޅާކުރަމުންނެވެ.



