ލޭ ހަދިޔާކުރާ މީހުންގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭނެ ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު “ނޭޝަނަލް ބްލަޑް ސްޓޭންޑަޑް” މިހާރު އެކުލަވާލައި ނިންމާފައިވާ ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ މާހިރުންނާއި ރާއްޖޭގެ ފަންނީ ބޭފުޅުން ގުޅިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިހާރު ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓަރީ ބަލަހައްޓަމުންދާ މެނުއަލް ސިސްޓަމް އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ޑޯނާ ރަޖިސްޓްރީ އާއި ޑޯނާ ރެކްރޫޓްމަންޓް ޕޯޓަލް ހިމެނޭހެން ތައާރަފުކުރާ މި އެޕްލިކޭޝަންގެ ސަބަބުން ލޭ ދޭ ފަރާތްތައް ގިންތިކުރެވި، ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެއެވެ.
ލޭ ހޯދުމުގެ ނިޒާމު ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ ލޭ ދިނުމަށް ތައްޔާރުވެފައިވާ މީހުންގެ ވަރުގަދަ ޑޭޓާ ބޭސްއެއް ވުޖޫދުކޮށް، ލޭ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



