ރާއްޖޭގެ ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުން މިގޮތަށް ނިންމާފައިވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު އެ އެއްބަސްވުމަށް ނުލިބޭތީއެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ އެއްބަސްވުމަކީ އެމެރިކާގެ ތާއީދު ލިބިގެން ނޫނީ ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށް އެ ގައުމުން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ. މި ނިންމުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިއަށް އޮތް އެޖެންޑާގައި އޮތް ޗާގޯސްއާ ގުޅޭ ބިލު ވެސް މިހާރު ވަނީ އުނިކޮށްފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޗާގޯސްގެ މުސްތަގުބަލާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި މިއީ އެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއާ އެކު އަލުން މަޝްވަރާތައް ފެށުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ދެކޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
ޗާގޯސްގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލައިގައި 2019 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯޓުން ވަނީ އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން ޖެހޭނެ ކަމަށް ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށޫއަރާ މައްސަލަ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހެޅުމުން، ކުރީގެ ސަރުކާރުން ވަނީ އެ ސަރަހައްދު ބައިކޮށްލުމަށް އެއްބަސްވެފައެވެ. ނަމަވެސް އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިނގިރޭސިވިލާތުން 1965 ވަނަ އަހަރުން ފެށިގެން “ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ”ގެ ގޮތުގައި ބަލަހައްޓަމުންދާ ޗާގޯސްގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ވެސް ގާއިމްކޮށްފައިވެއެވެ. މިހާރުގެ ނިންމުމާއެކު މި ސަރަހައްދުގެ ސިޔާސީ މަސްރަހަށް އާ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.



