ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 125 ފަރާތަކަށް ވަނީ އަމަލީގޮތުން ބިން ހަވާލުކޮށްފައެވެ.
މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ތެރެއިން، ފޭސް ތިނަކުން ގޯތި ލިބުނު 451 މީހަކު މިހާތަނަށް ވަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ސަރުކާރުން ވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތިތަކުގެ ލޮޓް ނަންބަރުތައް އަލުން ކަނޑައެޅުމަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ގުރުއަތުލުން ބާއްވާފައެވެ. އަދި ބިން ހިއްކައި ނިމުމާއެކު، އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ފެބްރުވަރީ މަހު ވަނީ ހުޅުވާލާފައެވެ.
ކުރީ ސަރުކާރުން ބިން ނުހިއްކައި ކަނޑުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުތައް ހިއްކައި، ވެރިފަރާތްތަކާ ބިން ހަވާލުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެޗްޑީސީން ބުނެފައިވަނީ ބިން ހިއްކައި ނިމުނު ސަރަހައްދުތަކުން ބިން ކަނޑައި، އިންވަކިކޮށް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.



