މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އަލަށް އަމަލުކުރަން ފެށި “ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން” ގެ ދަށުން، މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިން ހިންގަމުން އައި ކޯސްތައް އަލުން އެކްރެޑިޓް ކުރުމަށް ސުންގަޑިއެއް ކަނޑައަޅައިފިއެވެ.
އެމްކިއުއޭއިން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ބައެއް މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދައިގެން ހިންގަމުންދާ ޕްރޮގްރާމްތައް، އާ ގައިޑްލައިނާ އެއްގޮތަށް އެކްރެޑިޓް ކުރުމަށް މިހާތަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން މަރުކަޒުތަކާ ބައްދަލުކުރަން ކުރި މަސައްކަތުން ބައްދަލުކުރެވުނީ މަދު ތަނަކާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
އެމްކިއުއޭއިން ހާމަކުރި ގޮތުގައި، މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތެރެއިން 30 ވަރަކަށް މަރުކަޒަކުން ވުޒާރާއަށް ދީފައިވާ އީމެއިލް އަދި ފޯނު ނަންބަރު މެދުވެރިކޮށްވެސް ގުޅޭގޮތް ވަނީ ނުވެފައެވެ. މިއީ އެކްރެޑިޓޭޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ އޮތޯރިޓީން ސިފަކުރެއެވެ.
މިކަމާ ގުޅިގެން އެމްކިއުއޭއިން މިހާރު ވަނީ ހުރިހާ މަރުކަޒުތަކަކަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، އެކްރެޑިޓޭޝަން ނުހޯދާ ހުރި ހުރިހާ ޕްރޮގްރާމްތަކެއް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިން އެކްރެޑިޓޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ.
އެމްކިއުއޭއިން އިތުރަށް އިންޒާރު ދީފައިވަނީ، ކަނޑައެޅިފައިވާ އެ މުއްދަތުގެ ތެރޭގައި އެކްރެޑިޓޭޝަނަށް ހުށަނާޅާ ޕްރޮގްރާމްތައް ބާތިލުކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.



