މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވީ ނަމަވެސް އަދިވެސް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަމަށެވެ.
“އަޅުގަނޑުމެންގެ އިލްތިމާސަކީ ވީއެންމެ އަވަހަކަށް ޙައްޖަށް ދާ ބޭފުޅުން ވެކްސިން ފުރިހަމަ ކުރެއްވުން. މިވެކްސިންތައް ނުޖައްސަވާނަމަ ސަޢުދީއަށް އެތެރެ ނުވެވޭނެ،” ޝަކީލް ވިދާޅުވިއެވެ.
ޙައްޖަށް ދާ ފަރާތްތަކުން ކޮންމެހެން ފުރިހަމަކުރަންޖެހޭ ތިން ވެކްސިނެއް ހިމެނެއެވެ. އެއީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ ވެކްސިން އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ. ޙައްޖު މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން މީހުން އެއްވާ ދުވަސްވަރެއް ކަމުން، މިއީ ނުރައްކާތެރި ޖަރާސީމުތަކުން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.



