މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ގިރާވަރު ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، މިހާތަނަށް 98 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާލާފައެވެ. ނިމިދިޔަ ސަރުކާރުން އެމް.އެފް.އެމް.ސީ އާ ހަވާލުކޮށްގެން ފެށި މި މަސައްކަތުގެ ދަށުން އެ ސަރުކާރު ނިމުނުއިރު ހިއްކިފައިވަނީ 54 ހެކްޓަރެވެ.
މަސައްކަތުގެ ދުވެލި ލަސްވުމާއި ކޮންޓްރެކްޓަރާ ދެމެދު އުފެދުނު މައްސަލަތަކާ ގުޅިގެން، މިހާރު މި މަޝްރޫޢު ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްފައެވެ. އެމް.އޭ.ސީ.އެލް އިން 31 ޖަނަވަރީ 2024 ގައި މަސައްކަތް ފަށައި، މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އިތުރު 44 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެތަނުން 5,000 ގޯތި ދޫކުރަން ނިންމި ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ 1,114 ގޯތި މިހާރު ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އައު ޕްލޭނާ އެއްގޮތަށް ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ މުޅިން ނިމުމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



