“ބިންވެރިޔާ” ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިންނާއި ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ޖުމްލަ 3,423 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގުޅިފަޅުންނެވެ. އެގޮތުން ގުޅިފަޅުން ގޯތި ލިބުނު 2,972 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު 451 ފަރާތަކާއެކު ވަނީ ސޮއިކޮށްފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު، ބިން ހިއްކައި ނިމިފައިވާ ސަރަހައްދުތަކުން އިން ވަކިކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ. މިހާތަނަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 125 ޕްލޮޓެއްގެ އިން ވަކިކޮށް ހަވާލުކޮށްފައިވާއިރު، ގުޅިފަޅުން 169 ޕްލޮޓެއްގެ އިން ވަކިކޮށް ވަނީ ހަވާލުކޮށްފައެވެ.
މި މަސައްކަތާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ބިން ހިއްކައި ނުނިމެނީސް ކުރީ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ބިން ހިއްކައި ނިމޭ ސަރަހައްދުތަކުން އިން ވަކިކޮށް، ގާނޫނީ ހަމަތަކުގެ މަތިން އެއްބަސްވުމުގައި ސޮއިކޮށް ބިން ހަވާލުކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަސައްކަތް ނިމުމާއެކު، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށް، އިން ވަކިކުރުމަށްފަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.



