ސިޔާސީ އެއްވުންތަކާއި ޖަލްސާތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ ދެއްކުމާއި، މުޖުތަމައުގައި ނަފްރަތު އުފެދޭ ގޮތަށް އަމަލުތައް ބަހައްޓަމުންދާތީ އެކަންކަން ވަގުތުން ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ކަމަށް އެޗްއާރްސީއެމުން ފާހަގަކުރެއެވެ. އަދި މިނިވަންކަމުގެ ބޭނުން ހިފުމުގައި އަނެކާގެ ހައްގުތަކަށް އިހުތިރާމްކުރުމަކީ ކޮންމެ މީހަކަށްމެ ލާޒިމްކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމުން ބުނި ގޮތުގައި، ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައިވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، އަނިޔާވެރި އަމަލުތަކަށް ހިތްވަރު ދިނުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް އިންތިޒާމްކުރުމުގައި އާންމު މަސްލަހަތު އިސްކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ބާއްވާ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.



