ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުގައި ހުރި ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން އާ އޮނިގަނޑަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭގެ ފަހުން އިތުރު ހަ މުއައްސަސާއެއް ބަދަލުކުރުމާއެކު، މިހާރު ދައުލަތުގެ މުއައްސަސާތަކުގެ 93 އިންސައްތަ ވަނީ އާ ޕޭ ފްރޭމްވޯކަށް ހިޖުރަކޮށް ނިމިފައެވެ.
ޕޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، އާ އޮނިގަނޑަށް ބަދަލުވުމުން މުވައްޒަފުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ބަލައި، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެއެވެ. މީގެ އިތުރުން، މިހާތަނަށް އާ އޮނިގަނޑަށް ބަދަލުނުވެ ހުރި މުއައްސަސާތައް ބަދަލުކުރުމަށް ބޭނުންވާ ފަންނީ ތައްޔާރީތައް ވެސް ދަނީ ކުރަމުންނެވެ.
އާ ޕޭ ފްރޭމްވޯކުގެ ދަށުން އަސާސީ މުސާރައަށް ގެނައި ބަދަލުތަކާއެކު ސިވިލް ސާވެންޓުންނަށް 15 އާއި 150 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ. ނަމަވެސް، އާ އޮނިގަނޑުގައި ބޭނުންކޮށްފައިވާ ބައެއް މެޓްރިކްސްތަކުގެ ސަބަބުން މުސާރައާއި އިނާޔަތްތައް ކުޑަވާ ކަމަށް ބުނެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.



