ބުލީކުރުމާއި ފުރައްސާރަކޮށް ގަނާކުރުމުގެ މައްސަލަތައް މަދުކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދާހިލީ ސަލާމަތާއި މަސައްކަަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ގަނާކުރުން ހިމެނޭހެން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި، އެކަމަށް ހާއްސަ މަސައްކަތްތަކެއް ވުޒާރާއިން ކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ސްކޫލުތަކާއި މުޖުތަމައުގެ ތެރޭގައި ހިނގާ ގަނާކުރުމުގެ މައްސަލަތަކުގައި ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ބަންޑާރަނައިބުގެ އޮފީހާއެކު މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި ކަންކަން މިހާރުވަނީ ގޮސްފައި. މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅުއެޅޭ ކަމުގައިވާނަމަ ހަރުކަށި ޖިނާއީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ގަނާކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭނަމަ، އެ ބަދަލުތައް ގެނައުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.
ރާއްޖޭގެ ސްކޫލުތަކާއި އެކި ދާއިރާތަކުގައި ގަނާކުރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، މީގެ ސަބަބުން ނަފުސާނީ ބޮޑެތި މައްސަލަތަކާއި އެކަނިވެރިކަން ތަހައްމަލުކުރާ މީހުން ގިނަވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ އަމަލުތަކަކީ މުޖުތަމައުގައި ބަލައިގަނެވޭނެ ކަންކަން ނޫންކަން ކަނޑައަޅައި، ގާނޫނީ ގޮތުން އެންމެ ހަރުކަށި އަދަބު ދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.



