އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ.
ޕީއެންސީން ބުނި ގޮތުގައި މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގައެވެ. މި ޕްރައިމަރީގެ އެންމެހާ ކަންކަން ބަލަހައްޓަމުން ގެންދަނީ އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީންނެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި މުހައްމަދު ސިނާން އާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. ސައީދަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އެ އިންތިހާބުން އޭނާ ނާކާމިޔާބުވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އެންމެ 9 ވޯޓުގެ ތަފާތުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. މިއަދު ބާއްވާ ޕްރައިމަރީން ކާމިޔާބުވާ ކެންޑިޑޭޓަކަށް ޕީއެންސީގެ ރަސްމީ ޓިކެޓް ލިބިގެންދާނެއެވެ.



