ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތް ކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވާ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން މެއި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މަސް މާރުކޭޓް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލާ ގުޅޭގޮތުން އެޗްޑީސީން ވިދާޅުވީ، އެތަން ކުއްޔަށް ދޫކުރާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުން ހޮވޭ ފަރާތަކަށް ކަމަށެވެ. މި ގުރުއަތު ނެގުން އޮންނާނީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.
ގުރުއަތު ނެގުން ކުރިއަށްދާނެ ތަނުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ތާޒާ މަސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓް http://www.hdc.mv ނުވަތަ http://properties.hdc.mv އަށް ޒިޔާރަތްކުރުމަށް އެޗްޑީސީން އެދެއެވެ. މީގެ އިތުރުން އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.



