މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު 400 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އޭޕްރީލް މަހާ ހަމައަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މިހާތަނަށް 2,183 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެންމެ 75 ކޭސް ރިޕޯޓްކުރި އިރު، މި އަހަރުގެ ޖެނުއަރީގައި 679 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފެބްރުއަރީ މަހު މިދިޔަ އަހަރު 87 ކޭސް ރިޕޯޓްކުރި އިރު މި އަހަރު 428 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި މާޗް މަހު މިދިޔަ އަހަރު 76 ކޭސް ރިޕޯޓްކުރި އިރު މި އަހަރު 600 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓްކޮށްފައިވަނީ 135 ކޭސްއެވެ.
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެޗްޕީއޭއިން ބުނީ މިދިޔަ މަހުގެ 22 އިން މި މަހުގެ 18 ގެ ނިޔަލަށް ޖުމްލަ 21,687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެއީ އަތޮޅުތަކުން 11,792 ކޭސް އަދި މާލެ ސަރަހައްދުން 9,894 ކޭސްއެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މި މަހުގެ ތެރޭގައި އެ ބަލި ޖެހޭ މިންވަރުވެސް ވަނީ އިތުރުވާން ފަށާފައެވެ. ޖެނުއަރީ މަހު 99 މީހުން ޕޮޒިޓިވްވި އިރު، ފެބްރުއަރީގައި 8 މީހުން އަދި މާޗް މަހު 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް މި އޭޕްރީލް މަހުގެ މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.



