މާލޭގައި އިހުސާސްކުރެވޭ ހޫނުމިން (ހީޓް އިންޑެކްސް) ބުދަ ދުވަހު މެންދުރުފަހު 2:00 ގައި 39.1 ޑިގްރީ ސެލްސިއަސް އަށް އަރައި، މިއަހަރުގެ ތެރޭގައި ވެރިރަށުން މިހާތަނަށް އެންމެ މަތީ ހޫނުމިނެއް ރެކޯޑުކުރި ވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ވަގުތު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހީޓް އިންޑެކްސް ރެކޯޑު ކުރެވިފައިވަނީ 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ދަށުގައެވެ. އަދި ބުރާސްފަތި ދުވަހުވެސް މިފަދަ މަތީ ހޫނުމިނެއް ދެމިއޮންނާނެ ކަމަށް ލަފާކުރެވޭއިރު، އާންމުކޮށް ހޫނުމިން އެންމެ މައްޗަށް ދާނީ މެންދުރުފަހު 1:00 އާއި 2:00 އާ ދެމެދުގައެވެ. ރާއްޖޭގައި މިހާތަނަށް އެންމެ މަތީ ހީޓް އިންޑެކްސްއެއް ރެކޯޑު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް 1 ގައި މާލެއިންނެވެ. އެއީ 48 ޑިގްރީ ސެލްސިއަސްއެވެ.
ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލްނީނޯ އިތުރަށް ބާރުގަދަވަމުން އަންނާތީ، ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ލަފާކުރާ މޫސުމަށް ބަލާއިރު، މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން ހުންނާނީ އާންމު މިންވަރަށް ވުރެ މަތީގައެވެ. އަދި ވާރޭވެހޭ މިންވަރަށް ބަލާއިރު، މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމު މިންވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންނެވެ.
މީގެއިތުރުން އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދާކަން ފާހަގަކުރަމުން މެޓް އޮފީހުން ބުނީ، މީގެ ނޭދެވޭ އަސަރު ފަރުތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން ވިއްސާރަ ވެހޭ ގޮތަށްވެސް ކޮށްފާނެ ކަމަށެވެ.



