ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް އެ ސަރަހައްދުގެ 13 އަތޮޅަކަށް މޫސުން ގޯސްވާނެއެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނީ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއަދު ފަތިހު 5:00 އިން ހެނދުނު 10:00 އާ ހަމައަށް ވެސް ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ނެރެފައެވެ.
ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކަކަށް ފަހު، ފާއިތުވި ދުވަސްތަކުގައި މޫސުން ވަނީ ބޮޑަށް ގޯސްވެފައެވެ. ހާއްސަކޮށް ކަނޑުތައް ގަދަވަމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



