ގްރީސް އާއި ވިއެޓްނާމަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ދެ ގައުމަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.
މަޖިލީހުން ރުހުން ދީފައިވާ ދެ ބޭފުޅުންނަކީ:
ވިއެޓްނާމަށް: މަރިޔަމް މިދްފާ ނައީމް
ގްރީސަށް: ހަސަން އާދަމް
މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފަހު، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ އެ ދެ ބޭފުޅުންނަކީ ވެސް އެ މަގާމުތަކަށް ގާބިލު ބޭފުޅުން ކަމަށެވެ. ކޮމިޓީގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓަށް އަހާފައެވެ.
ވިއެޓްނާމްގެ ސަފީރުކަމަށް މަރިޔަމް މިދްފާ ނައީމް އައްޔަންކުރުމަށް ފެންނަ ކަމަށް 74 މެންބަރުން ވޯޓު ދެއްވިއިރު، ގްރީސްގެ ސަފީރުކަމަށް ހަސަން އާދަމް އައްޔަންކުރުމަށް 75 މެންބަރުން ވޯޓު ދެއްވިއެވެ. މި ދެ ބޭފުޅުން އައްޔަންކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މި ނިންމުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާނެއެވެ. ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި މި ބޭފުޅުން މަސައްކަތް ކުރައްވާނީ އެހެން ގައުމެއްގައި ގާއިމުވެ ތިއްބަވައިގެންނެވެ.



