އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ އެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ (90) ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މިހާރު މަޑުކުރެވޭނެއެވެ. ހާރިޖީ ވުޒާރާއިން ބުނީ 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައި ކަމަށެވެ. ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމަށް ހާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.



