ރާއްޖޭގެ އިތުރު ނުވަ ސަރަޙައްދަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ތެޔޮ ލިބެމުންދިޔަ މައި ސަރަހައްދުތަކުގެ އިތުރުން މިހާރު އެފްއެސްއެމްގެ ސްކިޑް ގާއިމްކޮށްފައިވާ އިތުރު ރަށްތަކުން ވެސް މަސްވެރިންނަށް މި ލުއި ލިބޭނެ ކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި ފެލިވަރު، އައްޑޫ، ކޫއްޑޫ، ހިންމަފުށި އަދި ހުޅުމާލެ ޖެޓީގެ އިތުރުން، އަލަށް އިތުރުކުރެވުނު ނުވަ ސަރަޙައްދަކުން މިހާރު ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. މީގެ އިތުރުން މަސްވެރިކަން މިވަގުތު ރަނގަޅު ސަރަހައްދުތައް ކަމަށްވާ ލ. އަތޮޅާއި، ތ. އަތޮޅު އަދި މ. އަތޮޅުގެ މަސްވެރިންނަށް ވެސް މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ހަފްތާ ތެރޭގައި ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިވަގުތު މި އޮތީ ލާމާ ތާއާ މީމާ، މި ތިން އަތޮޅަށް ވެސް ހައްލެއް އިރާދަކުރެއްވިއްޔާ މި ހަފްތާ ތެރޭގައި އަޅުގަނޑުމެން ހޯދުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ” ވަޒީރު ވިދާޅުވިއެވެ.
މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ޑީސަލް ވިއްކުމުގެ ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މިގޮތުން މިފްކޯގެ ބަނދަރުތަކާއި އެފްއެސްއެމްގެ ޝެޑްތައް މެދުވެރިކޮށް މި ހިދުމަތް ދެމުން އަންނައިރު، އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ މަސްވެރިންނަށް ވެސް ފަސޭހަކަމާއެކު އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.



