38 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި، ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ މޭ މަހުގެ 18 ވަނަ ދުވަސް ކަމަށް އެ މަރުކަޒުން މަޢުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރީ އަހަރުތަކާ ޚިލާފަށް ބޮޑެތި ބަދަލުތަކަކާއެކުގައެވެ. އެގޮތުން މުބާރާތް ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ އޮންނާނީ ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަން ބުރެކެވެ. އޭގެ ފަހުން ސެމީ ފައިނަލް ބުރެއް ކުރިއަށްދާއިރު، މުބާރާތް ނިންމާލާނީ ފައިނަލް ބުރަކުންނެވެ. މި ބަދަލުތައް ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަ ފުރުޞަތުތަކެއް ދީ، މުބާރާތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ކަމަށް ޤުރްއާނާ ބެހޭ މަރުކަޒުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ޢުމުރުން 26 އަހަރު ނުފުރޭ ދިވެހި ރައްޔިތުންނަށެވެ. މިއަހަރު މުބާރާތް ކުރިއަށް ގެންދަނީ ފަރުދީ ގޮތުން ބައިވެރިވެވޭ ގޮތަށެވެ. މުބާރާތުގެ އޮޑިޝަން ބުރު މާލޭގެ އިތުރުން އަތޮޅުތެރޭގެ ކަނޑައެޅޭ ރަށްތަކެއްގައި ކުރިއަށް ގެންދާނެއެވެ. ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަނުން 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރުގައި ވާދަކުރާނީ ސެމީ ފައިނަލުން 85 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ އެންމެ މަތީ 150 ބައިވެރިންނެވެ.
މުބާރާތް ބަހާލެވިފައިވަނީ 6 އަހަރުން ދަށުން ފެށިގެން 26 އަހަރުން ދަށުގެ އެކި ޢުމުރުފުރާތަކަށެވެ. މީގެ އިތުރުން ޙާފިޡުންގެ ބައިވެސް މުބާރާތުގައި ހިމެނެއެވެ. ވަނަތައް ހޮވުމުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމުގެ ގޮފިން ވަކިވަކި ޢުމުރުފުރާތަކުން ވަނަތައް ހޮވުމުގެ އިތުރުން، މުޅި މުބާރާތުން އެންމެ މޮޅު ތިން ވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބޭނީ ދެ ގޮފިންނާއި ޙާފިޡުންގެ ބައިން މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށެވެ.
މުބާރާތުގެ ފައިނަލް ބުރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް ޚާއްޞަ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. ޤުރްއާނާ ބެހޭ މަރުކަޒުން އުންމީދު ކުރަނީ މި ބަދަލުތަކުގެ ސަބަބުން މުބާރާތުގެ ވާދަވެރިކަން އިތުރުވެ، ކިޔެވުމުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވެގެންދާނެ ކަމަށެވެ.



