ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގެންނަވަމުންދާ ބަދަލުތަކަކީ ތިރިން މައްޗަށް މުޅި ނިޒާމު އިސްލާހުކުރެއްވުމަށް ގެންނަވާ ޝާމިލު ބަދަލުތަކެއް ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ “އިންސައިޓް ނިއުސް” އަށް ދެއްވި ބަސްދީގަތުމެއްގައި ތަރުޖަމާނު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ތެލުގެ އަގު ބޮޑުވުމާއި ބޭރު ފައިސާގެ ދަތިކަން ފަދަ އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް އިހުތިޔާރުކުރެއްވީ ނިޒާމީ ބަދަލުތަކެއް ގެންނެވުން ކަމަށެވެ.
މި އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ކެބިނެޓަށް ބަދަލުތަކެއް ގެންނަވައި، ވުޒާރާތަކުގެ އަދަދު މަދުކުރައްވާފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އައު ލީޑަރުންތަކެއް ސަރުކާރުގެ ތެރެއަށް ގެންނަވައި، ނަތީޖާ ނެރެވޭނެ ފަދަ ކުޑަ ސަރުކާރެއް ބިނާކުރެއްވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރައްވަމުންދާކަން ހާމަކުރައްވަމުން މުންދު ވިދާޅުވީ، މިހާރު ކުރިއަށްދާ މުރާޖައާ ނިމުމުން ސިޔާސީ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުން ވަކިކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުވެސް 33 އިންސައްތަ މަދުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ތަޖުރިބާ އަދި ގާބިލުކަމަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މަތީ ފަންތީގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވާއިރުވެސް، އެ ބޭފުޅެއްގެ ތައުލީމީ ފެންވަރަށާއި އެ މަގާމަކަށް އެކަށީގެންވާ މިންވަރަށް ބައްލަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.



