މި އަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ފުރާ ހައްޖުވެރިންގެ އިސް ޝެއިޚަކަށް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ އިތުރުން، ހައްޖު މޫސުމާ ގުޅިގެން މައްކާގައި ގާއިމުކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް ހަމަޖައްސާފައިވަނީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި އަހަރުގެ ހައްޖު ދަތުރުތަކުގައިވެސް ދިވެހި ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާގެ “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. މިއީ ހައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުތަކާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން އަވަސްކޮށް، ލުއިފަސޭހަކޮށްދިނުމަށް ސައުދީ ސަރުކާރުން ތަންފީޒުކުރަމުންދާ ހާއްސަ ސިޔާސަތެކެވެ.
މި އިންތިޒާމުގެ ދަށުން، ޖިއްދާ އެއާޕޯޓަށް ފައިބާ ހައްޖުވެރިން އިމިގްރޭޝަން ކިއޫގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އަދި ލަގެޖް ނެގުމަށް އެއާޕޯޓުގައި މަޑުކުރުމުގެ ބަދަލުގައި، ހައްޖުވެރިން ސީދާ ހޮޓަލަށް ގެންދެވޭއިރު، އެމީހުންގެ ފޮށިތައްވެސް ހަވާލުކުރާނީ ހޮޓަލުންނެވެ. މީގެ އިތުރުން ޖިއްދާ އެއާޕޯޓުން ހައްޖުވެރިންނަށް ރަސްމީކޮށް އިސްތިގުބާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ހައްޖުވެރިންނަށް މި ހިދުމަތް ފުރަތަމަ ލިބެން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި އައު އިންތިޒާމްތަކާއެކު ހައްޖުގެ މުގައްދަސް އަޅުކަމަށް ދާ ދިވެހިންނަށް ދަތުރުމަތީގައި ދިމާވާ ތަކްލީފްތައް ކުޑަވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



