ސްރީލަންކާއަށް މިހާރު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިއަދު ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މި ރަސްމިއްޔާތު ކުރިއަށްދިޔައީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓްގައެވެ. ރައީސްގެ ދެކަނބަލުން އެ ސަރަހައްދަށް ވަޑައިގަތުމުން، އަސްވާރުންނާއި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. އަދި ރައީސްގެ ޝަރަފުގައި ބަޑީގެ ސަލާމެއް އަރުވައި، ގާޑް އޮފް އޮނަރެއް ވަނީ އަރުވާފައެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ އިސްވެރިން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތައާރަފުކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ދަތިތައް ހައްލުކުރުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ގޮފި އެ ގައުމުގައި ހުޅުވުމާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ހަތް ދާއިރާއަކުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ނިންމާފައެވެ. ރައީސްގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.



