ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ކުރުމަށް އެ ގައުމުގެ ފަންނީ ޓީމެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މާލޭގެ މަގުތައް ހެދުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު މުއްތަލިބު ވިދާޅުވީ ޗައިނާގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކަކީ ވަކި އުސޫލުތަކެއްގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމަށެވެ. އެގޮތުން ފީސިބިލިޓީ، ސާވޭ، ޑިޒައިނިން އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދަނީ ވަކިވަކިން ޓެންޑާކޮށްގެން ކަމަށްވާތީ، މަސައްކަތް ފެށުމުގައި ވަގުތުތަކެއް ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު މި މަޝްރޫއު އޮތީ ޑިޒައިނިން މަރުހަލާގައެވެ.
މަޝްރޫއުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ ފަރާތުން ޑިޒައިންގެ މަސައްކަތް ނިންމުމުން، އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޯދުމަށް ޗައިނާ އިން ޓެންޑާ ކުރާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މަޖީދީ މަގާއި އެހެނިހެން މަގުތަކުގެ ޑިޒައިން މަސައްކަތްތައް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑެތި އެހީތަކުގެ ދަށުން ހިންގާ މަޝްރޫއުތަކަކީ އެހެން ގައުމުތަކުގައިވެސް ވަގުތު ނަގާ ކަންކަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.



