މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގައި އިސްކަންދެނީ ހައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި މީހުންގެ ތެރެއިން އަލަށް ހައްޖަށްދާ މީހުންނަށް ކަމަށް އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ޝައިޚް އަލީ ޝަރީފު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ހައްޖަށް ގެންދާނެ މީހުން ކަނޑައަޅަނީ ކިއުގެ ތަރުތީބުން ކޯޓާގެ އަދަދަށް ބަލައިގެން ކަމަށެވެ.
ޝައިޚް އަލީ ޝަރީފު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިން، އަލަށް ހައްޖަށްދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މިފަހަރު ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
“އަލަށް ޙައްޖަށް ދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުން. އެގޮތުގެ މަތިން އެކިއުގެ ތަރުތީބު މިނެގެނީ،” ޝަރީފު ވިދާޅުވިއެވެ. އަދި ކިއުއިން ބޭރުން ހައްޖަށް ގެންދާނީ ހަމައެކަނި އެހީތެރިންނާއި އިދާރީ މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހައްޖު ކިއުގެ ނިޒާމަކީ ވަރަށް ހަރުދަނާކޮށް އޮޑިޓްކުރެވިގެން ކުރިއަށްދާ ނިޒާމެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، އޭގައި އޮޅުވައިލުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. މީހުން ހޮވުމާއި، ނުދެވޭ މީހުން އަނބުރާ ކިއުއަށް އިތުރުވުމުގެ ހުރިހާ ކަމެއް ހިނގަނީ އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އުމުރުން 75 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެހީތެރިއަކު ގެންދިއުމުގެ ފުރުސަތު ކޯޕަރޭޝަނުން ފަހިކޮށްދެއެވެ. މިފަދަ އެހީތެރިންނަށްވެސް ފުރުސަތު ދެނީ ކަނޑައެޅިފައިވާ ކޯޓާގެ ތެރެއިންނެވެ.
ނިންމަވާލައްވަމުން ޝަރީފު ވިދާޅުވީ، ކިއުގެ ތަރުތީބުން ދައުވަތު ފޮނުވުމުން ބައެއް މީހުންނަށް އެކި ސަބަބުތަކާ ހުރެ ނުދެވޭކަން އަންގާ ކަމަށެވެ. އެގޮތުން މި އަހަރުވެސް 200 އެއްހައި މީހުން ނުދެވޭނެކަން އަންގާފައިވާތީ، ދަތުރުގެ ތައްޔާރީތައްވުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.



