ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިރުއޮއްސި 6:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 12:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ވަނީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް ބުނެފައެވެ. އަދި މި ވިއްސާރަ ސެޕްޓެމްބަރު މަހާއި ހަމަޔަށް ދިގުދެމިގެންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.



