ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިސާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ ވެސް ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް މިކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެކަމުގެ ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. އަދި ލަންކާ ސަރުކާރުން ވެސް މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
“މި ގައުމުގެ ރައީސް އަޅުގަނޑަށް ދެއްވި ޔަގީންކަމަކީ މިކަމުގައި މިހާރު ހުރި ކަންބޮޑުވުންތައް… އެކަންކަން ހައްލު ކުރެވިގެން ގޮސް މިހާރު މި ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެންދާނެ ކަމުގެ ވަރަށް އުންމީދީ ޖަވާބެއް ލިބިފައި،” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ގުޅިގެން މިކަމުގެ ފައިނަލް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ރަސްމީ މަޝްވަރާތަކަށްފަހު، ލަސްތަކެއްނުވެ ވިސާގެ މައްސަލައަށް އަމަލީ ސިފައެއްގައި ހައްލު ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.



