ސްރީލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑިއާގައި ލަންކާ ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ލަންކާ އިން ފުރާވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމުގެ އަޒުމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވަފުދަށް ބެހެއްޓެވި ހޫނު މެހެމާންދާރީއަށްޓަކައި ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
“އަޅުގަނޑަށާއި އަޅުގަނޑުގެ އަނބިކަނބަލުންނަށާއި އަޅުގަނޑުގެ ވަފުދަށް ބެހެއްޓެވި ހޫނު މެހެމާންދާރީ އާއި އެކުވެރިކަމަށްޓަކައި ލަންކާ ސަރުކާރަށާއި ލަންކާގެ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ފައިދާހުރި މަޝްވަރާތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މަންފާ އާއި ކުރިއެރުމަށް މަގުފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ރާއްޖެ އާއި ލަންކާގެ ރަހުމަތްތެރިކަމުގެ ޒަމާންވީ ގުޅުން އަބަދުގެ އަބަދަށް ދެމިގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.



