މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަޝްރޫއުގެ 2، 3 އަދި 4 ވަނަ ސެގްމަންޓްގެ 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ވޭސްޓް ވޯޓަރ މައި ހޮޅި އެޅުމުގެ އިތުރުން އެންކަރ ބްލޮކްތަކާއި ކުއޭވޯލް ޕެނަލްތައް ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ސެގްމަންޓް 5 ގައި މަގު ބައްތި ހަރުކޮށް ނިމިފައިވާއިރު، ކުއޭވޯލް ހެދުމުގެ ބާކީ ހުރި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް ކުރިއަށްގެންދާ މި މަޝްރޫއަކީ 830 މީޓަރުގެ ދިގު ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތެކެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމަށް ހަމަޖެހިފައިވާއިރު، މަގުގައި ތާރު އެޅުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމުގެ އިތުރުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.



