އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ މަދަނީ ސަރަޙައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއޭއީއަށް ދެމުންގެންދާ މިފަދަ ހަމަލާތަކަކީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކަނޑައެޅިގެން އަރައިގަތުމުގެ އަމަލެކެވެ. އަދި މިއީ މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ ޔޫއޭއީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ އެކު ފުރިހަމަ އެއްބައިވަންތަކަމެއްގައި ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ޔޫއޭއީގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން އަޅަމުންދާ އެންމެހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. ފަހަކަށް އައިސް ޔޫއޭއީގެ ތެލުގެ މުއައްސަސާތަކަށާއި ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާއިރު، މީގެ ތެރެއިން ގިނަ ހަމަލާތަކެއް އެ ގައުމުގެ ދިފާއީ ނިޒާމުން ވަނީ ނާކާމިޔާބުކޮށްލާފައެވެ.
މި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން، ދިވެހި ސަރުކާރުން ވަނީ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި ހަމަނުޖެހުންތައް ކުޑަކޮށް، މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް ރާއްޖެއިން ބާރުއަޅާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒާއިދު އާލް ނަހްޔާންއާ ފޯނުން ގުޅުއްވައި، ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ފޯނު ކޯލުގައި ވެސް ރައީސް މުޢިއްޒު ވަނީ ޔޫއޭއީއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، ރާއްޖެއިން ޔޫއޭއީއާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.



